ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އެރި ހާދިސާގައި ވިލިމާލެ ފަރަށް އެޅިފައިވާ އެ ޕްލެޓްފޯމްގެ ދަގަނޑުތައް ނެގުން، އިބިލީހު ކައިވެންޏަށް ވެފައިވާ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ފަރަށްއެރި އެ ޕްލެޓްފޯމާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ، ޕްލެޓްފޯމު ފުންކުރުމުގެ މަސައްކަތް ނިމުނު ނަމަވެސް އެ ސަރަހައްދު ސާފުކޮށް، އެ ސަރަހައްދުގައި ހުރި ދަގަނޑުތައް ނެގުމުގެ މަސައްކަތް މިހާތަނަށް އައި އިރުވެސް ނުކުރެވޭ ކަމަށެވެ. އަދި އެކަން "މާދަމާ، މާދަމާ" ކުރާނެކަމަށް ބުނަމުން ދިޔަނަމަވެސް މިހާރު އެތަކެތި ނެގުން ވަނީ އިބިލީހު ކައިވެންޏަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ، އެ ތަކެތި ނެގުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް ދިރާސާ ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.

ފަރަށްއެރިތާ 12 ދުވަސްފަހުން އެ ޕްލެޓްފޯމް ނަގާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ.

"އެ ތަނުގައި ހުރި ދަގަނޑުތައް ނުނެގޭ. މާދަމާ، މާދަމާ ނަގަނީގަ އެދަނީ. އެ އެއްޗެހި ނަގާ އިރު ގެއްލުން ވާނެ އިތުރަށް. އެހެންވީމަ އެ އެއްޗެހި ނެގީމަ ދިރާސާކުރަން ފެށޭނީ. މިހާރު އެ އެއްޗެހި ނެގުން އިނބިލީހުގެ ކައިވެންޏަށް ވެއްޖެ." ނައީމް ވިދާޅުވިއެވެ.

ދިވެހީންގެ ތެރޭގައި ކިޔާގޮތުން ކަމެއް "އިބިލީހު ކައިވެންޏަށް" ވުމަކީ ކަމެއް ކުރާނެކަމަށް ބުނާ ދުވަހަށް އެކަމެއް ނުވެ މުއްދަތުތައް ދެމުން ގޮސް ދިގުލައިގެންދާ ދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު