ރިސޯޓު ތަރައްޤީކުރުމަށް އެންމެ ފަހުން ހުޅުވާލި ރަށްތަކުގެތެރެއިން، 3 ރަށެއްގައި ރިސޯޓް ތަރައްގީކުރަން ބަޔަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރިސޯޓް ހަދަން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ބީލަމަށް ހުޅުވާލި 18 ރަށެއްގެ ތެރެއިން 3 ރަށެކެވެ.

ބީލަން އެވޯޑުކޮށްފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ 50 އިންސައްތަ ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަންމަންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ. މި މުއްދަތު ހަމަވިއިރު، ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ބީލަމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން 3 ރަށެއްގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަަމަށެވެ. އެއީ ފ. އެނބުލިފުށި، ފ. ޖިންނަތުގައު އަދި ގދ. ކަނޑަހަލަގަލައެވެ. އަދި މ. ސީދީ ހުރާގެ އެއްބަސްވުމުގައި މިމަހުގެ މެދުތެރޭގައި ސޮއިކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން، ފ. އެނބުލުފުށީގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ނައިޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. ފ. ޖިންނަތުގައު ގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އަކިރި ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ގދ. ކަނޑަހަލަގަލާގައި ރިސޯޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ޕަޔަނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ރަށްތަކުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނުދާ ނަމަ ޖޫރިމަނާތައް ދައްކަންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު