ތުނބުޅިއެއް ބަހައްޓާފަ އަރަބި ހެދުމެއް ލިޔަސް ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ވީޓީވީން މިރޭ ގެނެސްދިން ބޮޑުފެންޑާ ޕްރޮގުރާމްގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، މައުމޫން ވަނީ ދީނީ ކަންކަމުގައި ރާއްޖޭގައި އުފައްދަމުންދާ ބައެއް ހިޔާލުތަފާތުވުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ބައެއް އިލްމްވެރިން ވިދާޅުވާ ކަމަށް ޕްރެޒެންޓަރ ބުނުމުން، އިލްމްވެރިންނަކީ ކޮބާތޯ މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން، ތިމަންނާއަކީ ދީނީ އިލްމުވެރިއެއްތޯ ނިންމަނީ އަމިއްލައަށްތޯ، މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން އެއް އަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ "މަންޒަރަށް" ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނަސް އެއީ ދީނީ އިލްމްވެރިއަކަށް ވޭތޯ މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.

"އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މީ ދީނީ އިލްމްވެރިއެއްތޯ. ކޮންމެވެސް ޔުނިވަރސިޓީއަކުން އެއްއަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، ދީނީ ވައްތަރުގެ، މި ދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެެއީ ދީނީ އިލްމްވެރިއަކަށްވީތޯ؟ އެއީ ދީނީ އިލްމްވެރިއަކަށްވީއެއް ނޫނޭ،" މައުމޫނު ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، ދީނީ އިލްމުވެރިއަކަށް ވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން ދީނީ ތައުލީމު ހާސިލުކޮށްގެން ހުރި މީހެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި އެކުލަވާލި ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައި ދީނީ އިލްމްވެރިއަކަށް ވާނީ ސަރުކާރުން ގަބޫލުކުރާ ޔުނިވަރސިޓީއަކުން މަތީފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައިވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

މި އިންޓަވިއުގައި ޔޯގާ އާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ، ޔޯގާ އާއި ފުޓްބޯޅަ އަކީ އޭގެ ޒާތުގައި އެއްކަހަލަ ދެކަންތައް ކަމަަށެވެ.



ކިޔުންތެރިންގެ ހިޔާލު