އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް ތާއިދުކުރުމާއި މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އަލްއުސްތާޒު މައުމޫން މިހެން ވިދާޅުވީ ވީޓީވީ އިން މިރޭ ގެނެސްދިން ޕްރޮގުރާމެއްގެ ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަރުކާރުގެ ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްއާރުއެމުން ވާދަ ކުރާނެ ވަކިގޮތެއް އަދި ނިންމާފައި ނުވާކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިޙަށް ތާއިދު ކުރާނީތޯ، ނުވަތަ ކޯލިޝަނަކަށް ދާނީތޯ ނިންމާނީ ފުޅާދާއިރާއެއްގައި ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު ކަމަށް އެމަނިކުފާނު، ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ވެސް މަޝްވަރާބުރުތަކެއް ހިނގާނެ، އަދި ނުހިނގާ، އިންތިޚާބު ކައިރިވީމަ އަޅުގަނޑުމެން އެންމެން ވާހަކަ ދައްކާފައި ގިނަ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމާނީ." ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ޕާޓީއެއް ވެސް އުފައްދަނީ ވެރިކަމަށް އައުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޕާޓީ، އެމްއާރުއެމަށް ވެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށާއި، މަސައްކަތް ކުރަނީ އެ ވިސްނުންފުޅުގައި ކަމަށް މައުމޫން ވިދާޅުވިއެެވެ.

ކޯލިޝަން ސަރުކާރު ހިނގާ ގޮތާއި މެދު ދެކެވަޑައިގަންނަވާ ގޮތާއި ގުޅޭގޮތުން ޕްރޮގުރާމްގެ ޕްރެޒެންޓަރ ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ހިނގާ ގޮތާއި މެދު އެއްޗެއް ވިދާޅުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މި ސަރުކާރު ހިނގަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"އަޅުގަނޑަށް ފެންނަގޮތުގައި ގިނަ ކަންކަން ދަނީ ވަރަށް ރަނގަޅަށް. އެއްވެސް ސަރުކާރަކަށް 100 ޕަސެންޓް ރަނގަޅަކަށް ކަމެއް ނުކުރެވޭނެ. ކުރާ ކަންތައްތަކާއި މެދު ރައްޔިތުންގެ ޚިޔާލު ވެސް ތަފާތުވާނެ. އެއްބައިމީހުން ތާއިދު ކުރާނެ އަނެއް ބައިމީހުން ތާއިދެއް ނުކުރާނެ. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވާދަވެރިކަން އޮތްގޮތުން ގިނަ ސިޔާސީ ޕާޓީތަކެއް އުފެދި ސިޔާސީ މަގުސަދުގައި ހުރިހާ ޕާޓީތަކެއް ހަރަކާތްތެރިވަމުންދާތީ ސަރުކާރާއި މެދު މީހުން ދެކޭގޮތް ތަފާތުވާނެ. އެއްބައި ކަންތައްތައް ހަމަ ވަރަށް ރަނގަޅަށް ދާކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ. އަނެއްބައި ކަންތައްތައް އެހާ ރަނގަޅަށް ނުދާ ކަމަށް ވެސް ގަބޫލުކުރާނެ. އެކަހަލަ ގޮތަކަށް ދާނީ." ރައީސް މައުމޫން ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު