ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެ ސިޓީގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި، ތާރު އެޅުމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވީ ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތަށްފަހު، ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ތާރުއަޅައި ތަރައްގީ ކުރަން އެމްޓީސީއާއި ހަވާލުކުރީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

މި މަޝްރޫއުގައި ހިމެނެނީ ފުވައްމުލަކުގެ އެތެރޭގެ 31 މަގެއްގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ، އެމްޓީސީސީގެ ތާރީހުގައި މިހާތަނަށް ކުރިއަށް ގެންދާ މަގު ހެދުމުގެ އެންމެ އަގުބޮޑު ޕްރޮޖެކްޓް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު