ރާއްޖޭގެ ދަރަނީގެ ހާލަތާއިމެދު ޕްރޮފެސަރ ޙަސަން އުގައިލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ރާއްޖޭގެ ދަރަނީގެ ޖުމުލަ 99 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 113 އިންސައްތަ ކަމަށް ބުނެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން، އުގައިލް މިއަދު ވިދާޅުވީ، އެ ލޯނުތަކަކީ ސިޔާސީ ވެރިންގެ އަމިއްލަ ނަމުގައި ނަގާފައިވާ ލޯނުތަކެއް ނޫން ކަމަށާއި، ލޯނުތައް ނަގާފައި އެވަނީ ދިވެހި ފަސްގަނޑާއި ދިވެހި ރައްޔިތުންގެ ނަމުގައި ކަމަށެވެ. އަދި ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް އެ ލޯނުތައް ދައްކަންޖެހޭނީ ހަމަ ދިވެހި ރައްޔިތުންކަމަށް ވިދާޅުވެ އުގައިލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"މިލޯނުތައް ނަގާފައި މިވަނީ ސީޔާސީ ވެރިންގެ އަމިއްލަ ނަމަކު ނޫން. މިލޯނުތައް ނަގާފައި މިވަނީ ދިވެހި ފަސްގަނޑާއި ދިވެހި ރައްޔިތުންގެ ނަމުގައި. ކޮންމެބަޔަކު ވެރިކަމުގައި ތިއްބަސް އަދި ކޮންމެބަޔަކު ކުރިމަގުގައި ވެރިކަމަށް އަޔަސް މިލޯނުތަކަށް ޒިންމާވެ މިލޯނުތައް ދައްކަން ޖެހޭނީ ހަމަ ދިވެހި ރައްޔިތުން." އުގައިލް ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފައިވެއެވެ.

ދައުލަތުގެ ދަރަނި 99 ބިލިއަނަށް އަރާފައިވާއިރު ސޮވެރިން ގެރެންޓީއާއި ނުލައި ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި ހިމެނެނީ އެތެރޭގެ 52 ބިލިއަން ރުފިޔާގެ ދަރަންޏާއި ބޭރުގެ 33 ބިލިއަން ރުފިޔާގެ ދަރަންޏެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައި މިއަހަރު ދައުލަތުގެ ދަރަނި ޖުމްލަ 103 ބިލިއަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު