ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާކިޓެކްޓުންނަށް ހާއްސަ ކޮށްގެން އެއް މިލިއަން ރުފިޔާގެ މުބާރާތެއް އިއުލާނުކޮށްފިއެވެ.

އެޗްޑީސީން މައުލޫމާތު ދިންގޮތުގައި މި މުބާރާތަކީ ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެހެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިމުބާރާތަކީ ހުނަރުވެރި ގާބިލު އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އެކުންފުނިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރކުރެވޭއިރު ބައިވެރިވާ ކޮންމެ ފަރާތެއްގެ ނަމުގައި ހުށަހެޅޭނީ އެންމެ ކޮންސެޕްޓެކެވެ.

އެޗްޑީސީން ބުނީ އެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 12 ސެޕްޓެމްބަރު 2022 ވާ ހޯމަދުވަސް ކަމަށެވެ. އަދި މި މުބާރާތުގެ ކޮންސެޕްޓް މަރުހަލާގައި އެއްވަނައަށް ދާ ފަރާތަކަށް 200،000ރ ގެ އިނާމެއް ކަނޑައަޅާފައިވާ ކަމަށާ ދެވަނައަށް ދާ ފަރާތަކަށް 30،000ރ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ ގެ އިނާމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކުން ހުށަހަޅާ ކޮންސެޕްޓުގެ ޑީޓެއިލް ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު އެފަރާތަކަށް ލިބޭނެ ކަމަށާއި ޑީޓެއިލް ޑިޒައިން ފުރިހަމަ ކުރުމުން އެފަރާތަކަށް 750،000ރ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު