ހދ. ކުޅުދުއްފުށީގައި ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ބޭނުންވާ ބިން ކަނޑައަޅައި ކޮންޓްރެކްޓަރުންނާއެކު އެ ރަށު ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ، އެ ކައުންސިލްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ހިންގުމަށް ބިން ހަވާލުކޮށްފައިވަނީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި ޗައިނާގެ އާރްޑީ23 މެތޮލޮޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއި ކަމަށެވެ.

މި މަޝްރޫއާއި ގުޅޭ ބިން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު އެ ކައުންސިލުން ބުނެފައިވަނީ، ކުޅުދުއްފުށީ ސިޓީގައި ފަށާ ގެދޮރުވެރިކަމުގެ މި މަޝްރޫއަކީ މާލޭ ސަރަހައްދުން ބޭރުގައި ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ ގެދޮރުވެރިކަމުގެ މަޝްރޫއުކަމަށެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 11 ބުރީގެ 5 ޓަވަރުގައި، 1000 އަކަ ފޫޓުގެ ޖާގައިގެ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑްރީ އަދި ސްޓޯރ ހިމެނޭގޮތަށް 400 އެޕާރޓްމަންޓް އަދި ކޮންމެ އެޕާރޓްމަންޓަކަށް ސައިކަލް ޕާރކިން އަށް ޖާގައެއް ދެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 439،991،160.00ރ. އަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ) ގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.



ކިޔުންތެރިންގެ ހިޔާލު