ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ޒަޢާމަތުގައި ގައުމު ބިނާކުރުމަަށް ކުރާ މަސައްކަތްތަކަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ޝުކުރު އަދާކުރަށްވައިފިއެެވެ.

ނިހާދު ރައީސް ސާލިޙަށް ޝުކުރު އަދާކުރެއްވީ ސަރުކާރުގެ ހިލޭ ޑިގްރީގެ ސްކީމުގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 15000 އަށް އެރުމާއި ގުޅިގެން އެކަމަށް އިޝާރަތްކުރައްވަމުންނެެވެ. އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އިންސާނާ ތަރައްގީނުވެ ގައުމު ތަރައްގީ ނުވާނެކަން އެއީ އަބަދުވެސް ގަބޫލު ކުރައްވާ ހަގީގަތް ކަމަށެވެ.

އެގޮތުން ރައީސް ސާލިޙުގެ ސިޔާސަތަކީ އުފެދުންތެރި ތައުލީމީ ޖީލެއް ބިނާކުރުން ކަމަށް ނިހާދު ވިދާޅުވިއެވެ.



"ގައުމު ބިނާކުރުމަށް ރައީސްގެ ޒައާމަތުގައި ކުރެވެމުންދާ އަގުހުރި ކަންކަމަކީ ޝުކުރު ހައްގު ކަންކަން،" ނިހާދު ވިދާޅުވިއެވެ.

ސަރުކާރުގެ ހިލޭ ޑިގްރީގެ ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުން މިހާރު 15،000 އަށް އަރާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ވަނީ އިއުލާން ކުރަށްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކޮށް އެޒުވާނުން ގައުމު އާރާސްތުކޮށްދިނުން ކަމަށެވެ.

ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާތަނަށް 15،000އަށް އަރާފައިވާއިރު، އޭގެތެރޭގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާރުވެސް ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު