ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ދިވެހި ކަސްޓަމުން މިއަދު ބުނީ އެތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ޖަރުމަނުވިލާތުން ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލްތަކެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރި ޕާރްސަލެއްގައި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ހަތަރު ޕާރްސަލެއް ފެނުނު ކަމަށާއި އޭގެތެރެއިން ދެ ޕާރްސަލުގެ ތެރޭގައި ހުރި އެއްޗެއް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކެޓެމައިން" އަށް ފުރަތަމަ މަރުހަލާގައި ޕޮޒިޓިވްވި ކަމަށާ އަނެއް ދެ ޕެކެޓު ކޮކެއިން އަށް ޕޮޒިޓިވްވި ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މިފަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.674 ކިލޯ ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.

އެ މައްސަލާގައި ޝާމިލުވާ މީހަކު އަތުލައިގަނެފައިވާއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް މިހާރުވަނީ ހަވާލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު