ރާއްޖޭގައި ގައުމީ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ބޭރުގެ އިމްތިހާނުތަކަށް ބަރޯސާވުމުގެ ބަދަލުގައި ދަރިވަރުންނަށް ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާމަކުރެއްވުމާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރަށްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރާއްޖޭގައި ގައުމީ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށާއި އެއީ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެކަމަކީ ގައުމީ މަންހަޖާއި ގައުމީ އުސޫލުތަކާއި އަމިއްލަވަންތަކަން ކުރިއެރުވުމަށް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ސަހާދާ ސާނަވިއްޔާ ވެސް އައިޔޫމުން ފަރުމާ ކުރެވިދާނެ،" އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. ޝަހީމް ވިދާޅުވިއެެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑަައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އޯ ލެވެލް އަދި އޭ ލެވެލް ފަދަ ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ބާއްވަން ބޭނުންވާ ކަމަށެވެ. ރާއްޖޭގައި ކިޔަވައިދެނީ ނެޝަނަލް ކަރިކިއުލަމަށް ކަމަށްވާތީ އެގްޒާމް ބޮޑީއަކުން ހެދޭ ޕޭޕަރުތައް ދަރިވަރުންނަށް މާ ފަސޭހަވާނެ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އޯ ލެވެލްގައި މިހާރު ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލެވެ. އެހެން ނަމަވެސް އަންނަ އަހަރުން ފެށިގެން އޭ ލެވެލްއަށް ވެސް ކެމްބްރިޖު އިމްތިހާނު ދޭން ނިންމައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު