މާލެ ސިޓީގެ ބުޅަލުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކެޓް ޝެލްޓަރއަކާއި ވެޓް ސާރވިސް ކްލިނިކެއް ވިލިމާލޭގައި އެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލުގެ ޖަލްސާގައެވެ.

ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ކެޓް ޝެލްޓަރއަކާއި ވެޓް ސާރވިސް ކްލިނިކް ސިޓީ ކައުންސިލުގެ ހަރަދުގައި އެޅުމަށެވެ.

ބުޅާ ގެންގުޅޭ ތަނަކާއި ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ވިލިމާލޭގައި ޤާއިމްކުރުމަށް ނިންމީ މާލޭގެ މަގުތަކަށް ބުޅާތައް ދޫކޮށްލާފައިވާތީ، އެކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެގެންނެވެ.



މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި އެތަން ހަދަން ނިންމާފައި ވަނީ މާލެއަކީ ވަރަށް ތޮއްޖެހި، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީ އެ ކަހަލަ ތަނެއް މާލޭގައި ހެދުމަކީ އުނދަގޫ ކަމަކަށް ވުމުން ކަމަށެވެ. އަދި ގާތްގަނޑަކަށް 5 މިލިއަނާއި 8 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކޮށް ބުޅާ ޝެލްޓާއެއް އިމާރާތްކުރުމުގެ ގާބިލުކަން އެ ކައުންސިލުގައި އެބަހުރި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް އިމާރާތްކުރުމަށް ފާސްކުރީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާއި ދެކޮޅު ހެއްދެވީ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއެވެ.

ނަހުލާ ވިދާޅުވީ، ބުޅަލުގެ މައްސަލައަކީ މާލޭގެ މީހުންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮތް މައްސަލައެއް ކަމަށެވެ. އަދި ކުރިންވެސް ވެޓް ކްލިނިކެއް ހިންގިއިރު އެކަމުގެ ސަބަބުން ވިލިމާލެއަށް ބަލި ބުޅާތައް ގިނަވަމުންދިޔަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ކައުންސިލްގެ އެހެން މެމްބަރުން ނަހުލާގެ ވިސްނުންފުޅާއި ދެކޮޅެވެ. ގިނަ މެމްބަރުން ޤަބޫލުކުރައްވާ ގޮތުގައި ބުޅަލަށް ފަރުވާކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި އޮންނަން ޖެހެއެވެ.

މެމްބަރުން ވިދާޅުވީ ބުޅަލުގެ ނަޖިހުގެ މައްސަލަ މާލޭގައި ބޮޑުވެފައިވާކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ބުޅާ މަދުކުރަން ޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު