އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނިޒާމު ބަދަލުކުރުމާއި ގުޅޭ ވޯޓެއް ނުނެގީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރުމުންދާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއާ ހަމައަށް އައިރުވެސް ޕާޓީގެ ތެރޭގައި ރައީސް ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރާއި ގުޅޭގޮތުން ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތްކަމަށެވެ.

"އެ (ބަރުލަމާނީ) ގެންނަން ޖެހޭ އެކަށީގެންވާ ޖަސްޓިފިކޭޝަންތަކެއް ރައީސް ނަޝީދަށް ދެއްވިފައި ނެތްކަންވެސް ފާހަގަކޮށްލަންޖެހޭ." ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ރައީސް ނަޝީދު އެންމެ ބޮޑަށް ފާހަގަކުރައްވާ އެއް ކަމަކީ 2006 ވަނަ އަހަރު ނެގި ނިޒާމީ ވޯޓަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެކަށީގެންވާ ސިޔާސީ މިނިވަންކަން ރައްޔިތުންނަށް ލިބިގެން ލެވުނު ވޯޓެއް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ކަމަށެވެ.

"އެހެންވެއްޖެކަމުގައިވާނަމަ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަަ ބަޔަކު އެބަ ސުވާލު އުފައްދާ ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގެން ރައްޔިތުންގެ ފުރިހަމަ މިނިވަންކަމާއެކީގައި ނިޒާމީ ސައްހަ ވޯޓެއް ނަންގަވަން އެމަނިކުފާނު މަސައްކަތް ނުކުރެއްވީ ކީއްވެތޯ؟" ޑީޑީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ޑީޑީ ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ދުވަހަކުވެސް ކެބިނެޓްގައި ބަރުލަމާނީ ނިޒާމްގެ މަޝްވަރާއެއްވެސް ކޮށްފަ ނެތްކަމަށެވެ.

"އޭރު އޮތް ރިޔާސީ ނިޒާމަށް ރުހިވަޑައިގެން އެގޮތަށް ކުރިއަށް ގެންދެވީ." ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ އެފަދަ އިންތިހާބަކަށް 100 މިލިއަނެއްހާ ރުފިޔާ ބޭނުންވާއިރު އިގްތިސާދީ ގޮތުން ދުނިޔެވެސް އަޑިއަޅާލާފައި އޮއްވާ އެންމެ ބޭފުޅަކު ބޭނުންވެގެން ނިޒާމީ ވޯޓެއް ނެންގެވުމުގެ ބޭނުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތަކީ ޕާޓީގެ ތެރޭގައި ފުރަތަމަ މިފަދަ ބަހުސްތަކެއް ދާން އެބަޖެހެޔޭ. ރައީސް ސާލިހުވެސް އެ ވިދާޅުވަނީ ނިޒާމާ ގުޅޭގޮތުން ޕާޓީއާއި ރައްޔިތުންގެ ތެރޭގައި އިތުރަށް ބަހުސް ކުރެވި، ރައްޔިތުންގެ ހިޔާލު ހޯދާފައި ނޫނިއްޔާ އެހާބޮޑު ހޭދައެއް ކޮށްގެން އެކަން ކުރުމުގެ ބޭނުމަކީ ކޮބައިތޯ؟" ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ޕާޓީން ގޮތެއް ނިންމީމަ ކޮންމެ ބޭފުޅަކަށް ވިޔަސް އިހްތިރާމް ކުރަންޖެހޭނެކަމަށެވެ. ނަމަވެސް ބައެއް ފަހަރު ބައެއް ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ނުވީމަ އަސާސީ ގަވާއިދާއި ހިލާފަށްވެސް ކަންތައްތަކެއް ގެންދިއުމުގެ ވާހަކަވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުންދާކަން ޑީޑީ ފާހަގަކުރެއްވިއެވެ.

"ރައީސް ސާލީހާ އެއްކޮށް މަސައްކަތްކުރާން ބޭނުންނުވާކަމަށާއި ރައީސް ޔާމިންއާއެކު މަސައްކަތްކުރާން ބޭނުންވާ ކަން ދޭހަވާ ގޮތަށް ރައީސް ނަޝީދު ވަނީ ވާހަކަދައްކަވާފައި. އެއީ އެއްގޮތަކަށްވެސް ޕާޓީގެ އާއްމު މެމްބަރުންނަށް ގަބޫލު ކުރެވޭނެ ކަންކަމެއް ނުން" ޑީޑީ ވިދާޅުވިއެވެ.



ޑީޑީ ވިދާޅުވީ ހުރިހާ މެމްބަރުން އަމަލުކުރަން ޖެހޭ އަސާސީ ގަވާއިދެއް އެމްޑީޕީގައި އޮންނަކަމަށާއި އެއާއި ހިލާފަށް އެ ބޭފުޅަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރަންޏާ ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ވުމާއި މެދު ސުވާލު އުފެދޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު