ކޯވިޑަށްފަހު ސާފު ބޯފެން ލިބުމުގެ މައްސަލަ ބޮޑުވެ، 2.2 ބިލިއަން މީހުން އުޅެނީ ސާފު ފެން ލިބުމުގެ ދަތިކަމުގައިކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ ފަހު ހަފްތާގައި ފާހަގަކުރާ "ވޯލްޑް ވޯޓަރ ވީކް"އާ ގުޅިގެން ބޭއްވި މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވީ ސާފު ފެން ލިބުމަކީ ދުނިޔޭގެ އެންމެނަށް ލިބިދޭންޖެހޭ އަސާސީ ހައްގެއްކަމަށާއި، އެކަން ކަށަވަރުކުރުމަކީވެސް އެންމެންގެ މައްޗަށް ވާޖިބެއްކަމަށެވެ. އަދި ހާއްސަކޮށް ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތްތަކެއް ކުރާއިރު ސާފު ފެން ފޯރުކޮށްދިނުމަށް މަސައްކަތްކުރުން ވަރަށް މުހިއްމުކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސާފު ފެން ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ހާސިކުރުމަށް ކޯވިޑްގެ ކުރިންވެސް ދަތިތައް ހުރިއިރު، ކޯވިޑާއެކު އެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ. އެގޮތުން ކޯވިޑަށްފަހު 2.2 ބިލިއަން މީހުން އުޅެނީ ސާފު ފެން ލިބުމުގެ ދަތިކަމުގައިކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ސާފު ފެން ލިބުމުގެ ދަތިކަމުގެ ސަބަބުން 700 މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން މަޖުބޫރުވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި މައްސަލަތަކަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސާފުފެން ލިބުން ދަތިވެގެން ކުރިމަތިވަމުންދާ މައްސަލަތަކެއްކަމަށެވެ.



"ހޫނުމިން މައްޗަށް ގޮސް، ދިގު މުއްދަތަކަށް އަންނަ ހަނަފަސްކަން ކުރިމަތިވާ މިންވަރު ދަނީ އިތުރުވަމުން. މޫސުމަށް އަންނަނީ ހީވެސްނުކުރާފަދަ ބަދަލުތަކެއް. މިކަމުގެ ސަބަބުން ވާރޭ ވެހުމާއި، ގަނޑުފެން ވިރުމާއި، ކޯރުގެ ފެން ދައުރު ކުުރާގޮތްތަކަށް އަސަރުކުރޭ. އަދި ދުނިޔޭގައި އާބާދީ އިތުރުވުމާއި އެހެނިހެން ސަބަބުތަކާއި ހުރެ ދުނިޔޭގައި މިހާރު ލިބެން ހުރި ސާފު ފެނުގެ މިންވަރު ދަނީ މަދުވަމުން." ހާލަތު ކިޔައިދެއްވަމުން ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ ފެނުގެ މައްސަލަ ހައްލުކޮށް، އެންމެންނަށް ސާފު ފެން ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތްތައް ވަރަށް ބޮޑަށް ހަލުވިކުރަންޖެހޭކަމަށެވެ. އަދި މިއަހަރު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާއިރު، ފެނަށް ބޭނުންވާ މިންވަރު އިތުރުވެގެންދާނޭކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ސާފު ފެނުގެ މައްސަލަ އެތައް ކަމަކާއި ގުޅިފައިވާ ކަމަށެވެ. އަދި ފެން ލިބުން ދަތިވާނަމަ އަޅުގަނޑުމެންގެ ސިއްހަތަށާއި ކާބޯތަކެތީގެ ޔަގީންކަމަށް އަސަރުކޮށް، އިތުރު މީހުން ގެދޮރު ދޫކުރަން މަޖުބޫރުވެ، ސިޔާސީ ހަމަނުޖެހުންތައް އިތުރުވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި ސަބަބުތަކަށްޓަކައި ސާފު ފެނުގެ މައްސަލައާމެދު ހޭލުންތެރިކަން އިތުރުކޮށް، މަލްޓިލެޓަރަލް މަޝްވަރާތަކުގައި އެންމެ އިސްކަންދޭ މައްސަލަތަކަށް ފެނުގެ މައްސަލަތައް ހަދަންޖެހޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މަސައްކަތްތަކެއްކޮށްގެން ފެނާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރަން އަދިވެސް ލަސްނުވާކަމަށެވެ. ނަމަވެސް އެކަމަށްޓަކައި މަގްސަދެއް އޮވެގެން ގުޅިގެން މަސައްކަތްކުރަންޖެހޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އަންނަ މާޗުމަހު އޮންނަ އދގެ ވޯޓަރ ކޮންފަރެންސްގެ ކުރިން މަސައްކަތްތައް ފަށަންޖެހޭކަމަށާއި، ގުޅިގެން ކުރާ މަސައްކަތުން ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ސާފު ފެން ކަށަވަރުކޮށްދެވޭނޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު