އިއްޔެ ނިޔާވި ފިލްމީ ތަރި ފައުޒިއްޔާ ހަސަނަކީ ހިތްހެޔޮ މުރާލި ފަންނާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ފައުޒިއްޔާ ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައުޒިއްޔާ ހަސަނަކީ، ގިނަ ޑްރާމާ އަދި ފިލްމްތަކުގައި މަސައްކަތްކޮށް، ދާއިރާއަށް ދިވެހިން ނެރެދީ ކުރިޔަށްދާން އެހީވި ހިތްހެޔޮ މުރާލި ފަންނާނެއްކަމަށެވެ. އަދި ފައުޒިއްޔާ ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ފައުޒިއްޔާ ޙަސަން ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި ފަރުވާދެމުން ދަނިކޮށް ސްރީލަންކާގައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ކުޅަދާނަ ތަރި، ފައުޒިއްޔާ ނިޔާވެފައިވާއިރު މިއީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއްކަމަށް ފިލްމީ ދާއިރާގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. ފައުޒިއްޔާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ގިނަ ފިލްމުތަކެއްގައި ޙަރަކާތްތެރިވެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ.

ހަމައެއާއެކު 1994 ވަނަ އަހަރު ޖާސޫސްކުރުމުގެ ތުހުމަތުގައި އިންޑިއާއިން ފައުޒިއްޔާ ހައްޔަރުކުރި މައްސަލާގައިވެސް ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނެވެ. ނަމަވެސް އޭނާ 3 އަހަރު ދުވަސް ވަންދެން އިންޑިއާގެ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅެފައިވަނީ ނުޙައްޤުންކަމަށް އިންޑިއާގެ ތަހުގީގީ މައި އިދާރާ ސީބީއައި އިން ފަހުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ފައުޒިއްޔާ ބުނެފައިވަނީ ފޭކް އައިއެސްއާރްއޯއެއްގެ ދަށުން އޭނާ އިންޑިއާގެ ޖަލަށްލައި ހައްގުތަކުން މަހުރޫމު ކުރިކަމަށެވެ. އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު އިންޑިއާ ސަރުކާރުން ދޭންޖެހޭނެ ކަމަށް އޭނާ 2018 ވަނަ އަހަރު ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު