އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތުމުން އެ އެކައުންޓް ފްރީޒް ކުރުމުގެ މަސައްކަތް އޭސީސީން ހުއްޓާލައިފިއެވެ.

އެސްއޯއެފްގެ އެކައުންޓް ފްރީޒްކުރުމުގެ މަސައްކަތް އޭސީސީން ފެށީ ގިނަ ދުވަސްތަކެއް ވަންދެން ފްރީޒްކޮށްފައިވާ އެ އެކައުންޓް މި މަހުގެ ހަތް ވަނަ ދުވަހު ދޫކޮށްލުމުންނެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެސްއޯއެފްގެ އެކައުންޓް ފްރީޒްކުރުމުގެ މަސައްކަތް ހުއްޓާލީ އެ ކައުންޓުގައި ފައިސާ ނެތުމުންނެވެ.



އެސްއޯއެފްގެ އެކައުންޓްގައި ހުރި ފައިސާ ބަޔަކު ނަގާފައިވާއިރު އެ އެކައުންޓްގައި ހުރި ފައިސާއަށް ވީގޮތެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ބުނެދީފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީދާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓް ފިޔަވައި ދެން އެ ކުންފުންޏާ ގުޅޭ އެހެން އެކައުންޓްތައް އަދިވެސް ހުރީ ފްރީޒްކޮށްފައެވެ.

އެސްއޯއެފް ކުންފުނީގެ ހިއްސާދާރުން އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެނެވެ. އަދި އެމީހުން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް ފަހުން ވަނީ އެކަން ހުއްޓާލާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އޭގެތެރެއިން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު