އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓު އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލައިފިއެވެ.

މި މަގުޗާޓު އެކުލަވާލާފައިވަނީ އެކަމަށްޓަކައި އެކުލަވާލި ފަންނީ ކޮމިޓީގެ މެންބަރުންނަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިންނެވެ.

3 ދުވަހުގެ މުއްދަތަށް ހިންގި އެ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ފަންނީ ކޮމިޓީންވަނީ އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައި އެމަސައްކަތް ކުރާނެ އިދާރާތައް ދެނެގަނެ، އެޢިދާރާތަކުން ކުރާނެ މަސައްކަތްތަކާއި އެކަމަށް ހޭދަވާނެ މުއްދަތު ކަނޑައަޅާފައެވެ.

ވޯކްޝޮޕް ނިންމުމަށް އޭސީސީގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްސަލާމް ވިދާޅުވީ އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ވޯކްޝޮޕްގައި ބައިވެރިވި ފަންނީ ބޭފުޅުން ކުރައްވާފައިވަނީ ތާރީޚީ މަސައްކަތެއްކަމަށެވެ. މިކުރެވުނު މަސައްކަތަކާއެކު މިފަދަ ނިޒާމެއް ކަނޑައެޅުމަށް ދެން ކުރަންޖެހޭ މަސައްކަތްތައްވެސް ލަސްތަކެއްނުވެ ކޮމިޝަނުން ކުރާނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނަރަލް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލްއެވެ.



ކިޔުންތެރިންގެ ހިޔާލު