ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސިޔާސީ ހުރިހާ ބޭފުޅުންނާއެކުވެސް މަސައްކަތް ކުރެއްވޭނެ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ގާސިމަކީ މީހުން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ގާބިލްކަން ހުރި ބޭފުޅެއް ކަމަށެވެ. ސިޔާސީ ހުރިހާ ބޭފުޅުންނާއެކު ވެސް އެމަނިކުފާނަށް މަސައްކަތް ކުރެއްވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖުމުހޫރީ ޕާޓީއަކީ ހުރިހާ އެންމެންނާއި ވެސް ރައްޓެހި ރަޙުމަތްތެރި ބައެެއް ކަަމަށެވެ. އެޕާޓީއަކީ އެއްވެސް ބަޔަކާއި ބީރަށްޓެރި ޕާޓީއެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.

"ގާސިމްގެ ތަބިއްޔަތާ މިޒާޖު ހުންނަގޮތުންވެސް ހުރިހާ ބޭފުޅުން ގޮވައިގެން ކުރިއަށް ވަޑައިގެންނެވޭނެ، އެ ކެޕޭސިޓީ ހުރި ބޭފުޅެއް ގާސިމަކީ. އެހެން ވީމަ އަޅުގަނޑުމެންގެ ޕާޓީގައި މަސައްކަތް ކުރައްވާ ދެން ތިއްބެވި ހުރިހާ ބޭފުޅުންވެސް، އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ހަމަ އެމަނިކުފާނުގެ އެ ވިސްނުންފުޅު ކުރިއަށް ގެންދެވޭތޯ، އެގޮތަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން ބަލަނީ،" ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ޖުމުހޫރީ ޕާޓީން ލިބޭ ފުރުސަތުތަކަށް ވުރެ އެހެން ދިމާއަކުން ލިބޭ ފުރުސަތު އިތުރު ނުވާނެ ކަމަށެވެ. ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނާއި އަންހެން ބޭފުޅުންނަށް ވެސް ޕާޓީގެ ތެރެއިން ފުރުސަތު އަބަދުވެސް ފަހިވެފައި އޮންނާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ޑިސެންބަރު މަހު ބާއްވާ ޖުމުހޫރީ ޕާޓީގެ ކޮންފަަރެންސް އާއި ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ. ޖުމުހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމެޓީއެއް ވެސް ވަނީ އެކުލަވާލާފައެެވެ.



ކިޔުންތެރިންގެ ހިޔާލު