ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވައި، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުޅަން، އެކަން ހިނގާދިޔަ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ލަފާ އަރުވައިފިއެެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވަނީ ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭ ގޮތުން މިއަދު ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހު ކަންތައް ހިނގައި ދިޔަގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރި މަސައްކަތްތައް އެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް އެ ރިޕޯޓްގައި ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެގޮތުން ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތް ނިންމުމާއި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި އިވެންޓްތައް ރާވައި އިންތިޒާމުކުރާނެ ގޮތްތައް ނިންމުމާއި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމަށް މަގުފަހިކުރުވާ ކަންކަން ދެނެގަތުމަށް ކޮމެޓީ ރިޕޯޓްގައި ލަފާ ދީފައިވެއެވެ. މީގެ އިތުރުން މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ލަފާ ދީފައެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ހައްޔަރުކުރި ގިނަ މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު