ފަތުރުވެރިކަމަށް ދާއިރާއަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދީފައިވާ މީހުންނާއި ޚިދުމަތުގައި ތިބި މީހުންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ގެނައުމުގައި އިސް ދަޢުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ދާއިރާއަށް 30އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދީފައިވާ މީހުންނާއި، ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފައިވާ ފަރާތެއް ވާނަމަ، އެކަމުގެ މަޢުލޫމާތު އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީއާ ޙިއްސާކުރުމަށް އެދިފައެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ 50 ވަނަ އަހަރު ފާހަގަކުރުމަށް ކުރާ މަސައްކަތުގެތެރޭގައި ހިމެނޭ ކަމެކެވެ.

50 ވަނަ އަހަރު ފާހަގަކުރުމަށް ކުރާ މަސައްކަތުގެތެރޭގައި ހިމަނައިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިވެރިކަމުގެ ޚާއްސަ އެވޯޑެއް މިއަހަރު ދިނުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު