މުޖްތަމައަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ އަބަދުވެސް ހުވަފެނެއް ކަމަށް އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)ގެ ފައުންޑަރު އަދި މި ސަރުކާރުގެ ޓްރާންްސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި "މެންޓަލް ފިޓްނެސް ފޯރ ހައި ޕާރފޯރމާރސް" ގެ ނަމުގައި އަސްބާއިން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ އިއްޔެ ވިދާޅުވީ، ޖަމިއްޔާއެއްގެ ގޮތުގައި 2018 ވަނަ އަހަރު ރަޖިސްޓަރ ކުރި ކަމުގައި ވިޔަސް، އޭގެ ކުރިންވެސް ތަފާތު އެކި ނަންނަމުގައި މުޖްތަމައުގައި ހުރި މައްސަލަތައް ހައްލު ކޮށްދިނުމަށް އެކި މަސައްކަތްތައް ކޮށްދެއްވާފައިވާނޭ ކަމަށެވެ.

އެގޮތުން މުޖްތަމައަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ އަބަދުވެސް ދެކޭ ހުވަފެނެއްކަން ފާހަގަކުރައްވައި ނަހުލާ ވަނީ އަސްބާގެ ހިންގެވުމުގައި އެންމެ ކައިރިން މަސައްކަތް ކޮށްދޭ އަސްބާގެ ކޯފައުންޑަރ އަދި ނަހުލާގެ މަންމާފުޅު، ޚަދީޖާ އިބްރާހިމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އަދި، އަސްބާގެ މަސައްކަތްތައް ފުޅާކޮށް، ކުރިޔަށް އޮތްތަނުގައި އިތުރު ކަންތައްތައް އިންތިޒާމުކުރާނެކަމުގެ ޔަގީންކަން ނަހުލާ ދެއްވިއެވެ.

އަސްބާއިން ބޭއްވި މި ވޯކްޝޮޕްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ 90 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށް، އެކަންތައްތަކާއި ކުރިމަތިލެވޭނެ އެކި ގޮތްގޮތާއި ބެހޭގޮތުން މައުލޫމާތު ދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު