ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި އެމަނިކުފާނުގެ އަނބިކަބަލުންް ބޭނުންފުޅުކުރެއްވުމަށް ކާރުތަކެއް ގަތުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބޭނުންކުރެއްވުމަށް އަގު ބޮޑު ކާރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރާއްޖޭގެ މީޑިޔާ އަކުން ވަނީ ރިޕޯޓްކޮށްފައެވެ. ރައީސް ސޯލިހާއި މެޑަމް ފަޒްނާ ބޭނުންކުރެއްވުމަށް ހޯދަނީ އެންމެ އަގު ބޮޑު ވައްތަރުގެ މާސިޑީޒް ބެންޒް ކާރުތަކެއް ކަމަށް އެ ޚަބަރުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ ދެކަނބަލުން ބޭނުންކުރެއްވުމަށް ކާރުތަކެއް ގަތުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެވާހަކަތައް މިއުވާން ވަނީ ދޮގު ކުރަށްވާފައެެވެ.

"ބައެއް ނޫސްތަކުގައި ރިޕޯޓް ކުރަމުން އެދާ ހަބަރުތަކަކީ އެންމެ ރަނގަޅު މައުލޫމާތުގެ މައްޗަށް ގެނެސްދޭ ހަބަރުތަކެއް ނޫން. އެކަން ދޮގުކުރަން،" މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުން ބޭނުންކުރެއްވުމަށް ކާރެއް ގަތުމަށް މަސައްކަތް ނުކުރި ނަމަވެސް މިއުވާން ވިދާޅުވީ ކާރެއްގެ އަގު ސަރުކާރުން ބެލި ކަމަށެވެ. ކާރެއްގެ އަގު ބެލީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމަނިކުފާނު ބޭނުންކުރެއްވުމަށް ކާރެއް ހޯދަން ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި އެކަން ކުރީ މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެކުލަވާލި ރިޕޯޓްގައި ސަރުކާރަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށް މިއުވާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު