ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށް ލުމަށް އިންޑިއާއިން އެދިފައިވާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ވާޙަކަތަކެއްކަމަށެވެ. އަދި އެއީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވަނީ ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ނޫހަކުން މިއަދު ވަނީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށް ލުމަށް އިންޑިއާއިން އެދިފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

މިގޮތުން ވެރިކަން ކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރުއާއެކު ބޭއްވި ބައްދަލުވުމުގައި ވީޑިއޯ ކޯލްގެ ޒަރީއާއިން ރައީސް ސޯލިހުވެސް ބައިވެރިވެ ވަޑައިގެންނެވިކަމަށް އެ ނޫހުގައިވެއެވެ. އަދި އެ ބައްދަލުވުމުގައި ޑރ. ޖައިޝަންކަރު ވަނީ ރައީސް ޔާމީން ޖަލަށްލާން ޖެހޭކަމަށް ތަކުރާރުކޮށް ރައީސް ސޯލިހަށް ދަންނަވާފައިކަމަށްވެސް ހަބަރުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު