ދެކުނަށް މަސްގަތުމަށް ކެޕޭސިޓީ އިތުރުކުރަން ތިން ބޯޓެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްވެރިކަމުގެ މޫސުން ފެށެންވާއިރަށް މަަަަސްގަންނަ ކުންފުނިތަކުން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި ދެކުނު ސަރަހައްދު މަސްވެރިކަމުގެ މޫސުމުގައި މަސްބާނާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ މަސްގަތުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ބޭރުން ތިން ބޯޓެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ހުސައިން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދެކުނަށް މަސްގަތުމުގެ މައްސަލަ ހައްލު ކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ދިރާސާކޮށް ބަލާފައިވާ ކަމަށެވެ. އެގޮތުން ދާއިމީ ގޮތަށް އެމައްސަލަ ހައްލު ކުރަން އެކަށީގެންވާ މުއްދަތެއް ބޭނުންވާ ކަމަށް ޑރ.ހުސައިން ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ފަހި މޫސުން ސެޕްޓެންބަރު މަހު ފަހުކޮޅު އޮކުޓޯންބަރ ކުރީ ކޮޅު ފެށޭނެ ކަމަށް ބެލެވޭތީ އަޅުގަނޑުމެންނަށް ފެނުނީ އެކަން ހައްލުކުރެވޭނީ އެކަށީގެންވާގޮތުގައި ބޭރުން މަސްގަންނަ ބޯޓް ގެނެސްގެންނާއި ސަރުކާރަށް އެ ކެޕޭސިޓީ ގަނެގެން އެކަން ކުރުމުގެ ފުރުސަތު ދީގެން ކަން. ބޭރުން މަސްބޯޓް ފަހަރު ގެނައުމަށްޓަކައި ހުއްދަދޭ ގަވާއިދު މިހާރު އޮންނާނީ ގެޒެޓްކޮށްފައި، މިފްކޯ އިން އެދަނީ އެބޯޓްތައް ޕްރޮކިއު ކުރުމުގެ މަސައްކަތް ކުރަމުން." ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ދެކުނަށް މަސް ކިރާވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މަސްވެރިކަން ރަނގަޅުވެ ގިނަ ދޯނިފަހަރު މަސް ކިރުމަށްދާތީ މިފްކޯއިން މަސް ގަންނަ އަދަދުވެސް ކޮންޓްރޯލް ކުރިއެވެ.

އެގޮތުން ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖެއްސުމުން ގިނަ މަސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ވަނީ ކޮށްފައެެވެ. ސަރުކާރުން މީގެ ކުރިން ވަނީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރ ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު