އަހުމަދު މަސްނޫމް   29 އޯގަސްޓު 2022 - 10:7
ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް ގެއްލުންވެފައިވާތީ އެގައުމު ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ސާލިހުގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވެފައިވާ މިހިތްދަތި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާއާއި ހަމްދަރުދީވަނީ ޕާކިސްތާނުގެ ރައްޔިތުންނާއެކުކަމަށެވެ. އަދި ފެންބޮޑުވުމުގެ މިހާދިސާގައި އެތައް މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައިކަމަށެވެ.



ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވެ އެކި ޙާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަޙުމާން ވަނީ ވިދާޅުވެފައެވެ. އެއީ އެ ޤައުމުގެ އާބާދީގެ 15 އިންސައްތައެވެ. މި އަހަރުގެ ވިއްސާރަ މޫސުމުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި 400,000 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. އަދި، 184,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި، މަގުމަތިވެފައެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.



ކިޔުންތެރިންގެ ހިޔާލު