އިންޑޮނޭޝިއާގެ ސަރަހައްދަށް އައި ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ވެސްޓް ސުމަތުރާ ސަރަހައްދަށް މިއަދު ހެނދުނު ވަނީ 5.9 މެގްނިޓިއުޓްގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ 5.9 މެގްނިޓިއުޓްގެ ބާރުގަދަ ‏ބިންހެލުމެއް ސުމަޓްރާއަށް އައިސްފައިިވަނީ މިއަދު ހެނދުނު ރާއްޖޭގެ ގަޑިން 08:29 ހާއިރު ކަމަށެވެ.

އެ ބިންހެލުމުގެ އަސަރު ރާއްޖެއަށްވެސް އިހުސާސްކުރެވުނު ކަމަށާއި، މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. ރާއްޖެއަށް ބިންހެލުމުގެ އަސަރު ކޮށްފައިވާއިރު މާލޭގެ ބައެއް އިމާރަތްތަކަށް ލޮޅުން އަރައި އެ އިމާރަތްތަކުން ވަނީ މީހުން ހުސްކޮށްފައެވެ. އެގޮތުން ސޯސަންމަގުގައި ހުންނަ ހެލްތް މިިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ އިމާރާތުން ވަނީ މީހުން ހުސްކޮށްފައެވެ.

2004 ވަނަ އަހަރު ސުމަތުރާ ސަރަހައްދަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. އެފަހަރު ބިންހެލުން އައީ 9.1 މެގްނިޓިއުޓްގެ ބާރުމިނުގައެވެ.



ކިޔުންތެރިންގެ ހިޔާލު