މުލަކުއަތޮޅު މުލީގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އެދިވަޑައިގެންފިއެެވެ.

އެމަނިކުފާނު، މިކަމަށް އެދިވަޑައިގަތީ މ.މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައި، މުލީގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި، ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ހަވީރު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މިއަދު ހަވީރު، މ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި މުލީގެ ކައުންސިލުން ވަނީ މަސްތުވާތަކެތީގެ މައްސަލަ އެރަށުގައި ބޮޑުވެފައިވާތީ އެކަން ރައީސްގެ ސަމާލު ކަމަށް ގެނެސް އެމައްސަލަ ހައްލު ކޮށްދިނުމަށް ރައީސްގެ އަރިހުގައި ދަންނަވާފައެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނީ ރަށުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަނެ އެކަމާއި ގުޅޭ ރިޕޯޓެއް ހެއްދެވުމަށް އެދިވަޑައިގެންފައެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޓާސްކްފޯހުގައި މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



މިބައްދަލުކުރެއްވުމުގައި، މުލީ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ އަޑު އައްސަވާ އަދި ރައްޔިތުންގެ އިހްސާސްތައް ދެނެވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. މުލީގެ ތަރައްޤީއަށް މިސަރުކާރުން ކޮށްދޭ މަސައްކަތްތަކަށް އެކައުންސިލުން ވަނީ ރައީސަށް ޝުކުރު އަދާ ކުރަށްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި މުލީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މުލީގެ ބަނދަރު މަރާމާތު ކުރަންޖެހިފައި ވުމާއި، މުލީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ރަށުގެ ކައުންސިލް އިދާރާ ބައުވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.

މުލީ ކައުންސިލުން ފާހަގަކުރި ކަންކަމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ މުލީގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މުލީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރުމަތި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާނެ ކަމަށާއި އެކަމާއި ގުޅޭ ސާރވޭ މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު