ރައްޔިތުންނަށް ހިދުމަތެއް ދޭން ބޭނުންވާނަމަ، އެކަން ކުރެވޭނެކަން މިސަރުކާރުން ސާބިތުކޮށްދެމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، މ. ވޭވަށު އައު އިންޖީނުގެ ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކަމެއްކުރަން ބޭނުންވީމަ ކުރެވޭނެކަމަށާ، ބަހަނާ ދައްކާ ފައިސާއާއި މުވައްޒަފުން ނެތް ކަމަށްބުނާ ވާހަކައަކީ ހަމަޖެހޭ، ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށެވެ. އަދި އެކަން ފެނަކައާއި އެމްޓީސީސީން ހާމަކޮށްދެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"ބޭނުންވަނީ އަމާޒަކަށް އެކީގައި ރަނގަޅު ވިސްނުމަކާ އެކީގައި ކުރިއަށްދިއުން. އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުންނަށް ވެފައިވާ ޖަޒީރާ ތަރައްގީގެ ވައުދުތައް ފުއްދުމަށް މި ދެ ކުންފުންޏާއެކީ ރައްޔިތުން ބޭނުންވާ މަންޒިލަށް ދެވޭނެކަން." އެމްޓީސީސީ އާއި ފެނަކައިގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

މިސަރުކާރު އައިއިރު ކަރަންޓުގެ ދަތިކަން ވަރަށް ބޮޑަށް ރަށްތަކުން އުފުލަމުންދިޔަކަމަށާ، ނަމަވެސް މިހާރު 140 ރަށަކަށް އައު އިންޖީނުގެ ފޯރުކޮށްދީ މުޅި ރާއްޖޭގެ ކަރަންޓް ފެނަކައިން، ބަދަލުކޮށްދީފައިވާ ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި، ރަށްރަށް ތަރައްގީ ކުރުމުގައި ތަފާތުނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ކުރިއަށްދާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު