ރާއްޖެ ޓްރާސްޕޯޓް ލިންކްގެ ހައިސްޕީޑް ފެރީގެ ޚިދުމަތް މ. އަތޮޅުގައި ފެށުމުގެ ކުރިންވެސް، މުލަކަތޮޅުގެ ފެރީގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މ. މުލީ ރައްޔިތުންނާއި އެރަށުގައި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

މުލީގެ އާންމު ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ކުރިން، މ އަތޮޅު ކައުންސިލާއި، މުލީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ބައްދަލުކުރައްވައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރަންބޭނުންވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، އެބައްދަލުވުންތަކުގެ ބޭނުންފުޅަކީ ވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެތެރެއިން އެންމެ އަވަހަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ބައްލަވައި ތަރުތީބުކުރެއްވުން ކަމަށެވެ.

އަދި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީވެސް، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ވަނީ، އެރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައްޔިތުންނާއި މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންނާއި އެކު ބޭއްވި މިބައްދަލުވުމުގައި، ރައްޔިތުންވެސް ވަނީ ރަށުގެ ބަނދަރު މަރާމާތު ކުރަންޖެހިފައިވުމާއި، ޤަވާއިދުން ފެރީގެ ޚިދުމަތް ލިބެމުން ނުދިޔުމާއި، އެއާޕޯޓުގެ މަސައްކަތާއި ކޯޒުވޭ އާއި ހޮސްޕިޓަލާއި އަތޮޅުތައުލީމީ މަރުކަޒުގެ ތަރައްޤީއަށް ކުރަން ބޭނުންވެފައިވާ މަސައްކަތްތައް ފާހަގަކޮށްފައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތާއި ގުޅޭ ގޮތުން  ރައީސް ސާލިޙު ވިދާޅުވީ، ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ކޮށްދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތް ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ބަނދަރުގެ ޑިޒައިނާއި ކުރެހުން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މ. އަތޮޅުގެ ފަސްރަށަކަށް ރައީސް ސާލިޙު ފެށްޓެވި ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގެންނެވީ، މ. މުއްޔަށެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާއެެވެ. 



ކިޔުންތެރިންގެ ހިޔާލު