ރާއްޖޭގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް، ބޯހިޔާވަހިކަމެއް ހޯދުމަށް މަގުފަހިކޮށްދިނުމުގެ އިސްލާހަކާއެކު، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މައިގަނޑު ހަތަރު ކަމެއް ހިމެނޭ ގޮތަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ހެދުމާއި، ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން އެބޭފުޅުން ކުރުން، ގާނޫނު ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުމެވެ.

މީގެ އިތުރުން، ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް ވުން ވަނީ ހިމަނާފައެވެ.

އަދި ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސަންޓަށްވުރެ މަދުނުވާނެ އަދަދަކަށް ކަނޑައެޅުމަށާއި ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައެޅުމަށް ވެސް އޭޖީ އޮފީހުން ފޮނުވި އިސްލާހުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު