އަހުމަދު މަސްނޫމް   28 އޯގަސްޓު 2022 - 12:25
އަންނަ އަހަރު މ. މުލީ އެއަރޕޯޓް ހުޅުވޭވަރަށް ތަރައްޤީކުރާނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ މުލީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީއާއެކު ސޮއިކޮށްފައިވަނީ 28 ފެބްރުއަރީ 2021 ގައެވެ.

މ.ވޭވަށު ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އަންނަ އަހަރުގެ މެދުތެރޭގައި މުލީ އެއަރޕޯޓް ތަރައްޤީކޮށް ނިންމާ ޚިދުމަތް ލިބިގެންދާނެކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މިދައުރުގެ މިހާތަނަށް 9 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މިއީ އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ ދައުރުކަމަށެވެ. ރައީސް ޞާލިޙްގެ ޒައާމަތަކީ ތަރައްޤީގެ އީދުގެ ޒައާމަތެއްގެ ގޮތުގައި ސިފަކުރައްވާ އާޒިމް ވިދާޅުވީ އެ ތަރައްޤީގެ ފަސޭހަކަން އެތައް ރައްޔިތަކަށް ލިބެމުން އަންކަމަށެވެ.

މުލަކަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެހެންކަމުން މުލީ އެއަރޕޯޓް މަޝްރޫޢަކީ އެރަށުގެ އިތުރުން މުޅި އެއަތޮޅުގެވެސް އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއާއި ގުޅިފައިވާ އުންމީދީ މަޝްރޫޢެއްކަމަށް މ.އަތޮޅުގެ ރައްޔިތުން ފާހަގަކުރެއެވެ.

މުލީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރަށް ބިން ބޭނުންވާތީ، އިތުރު 14 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓުގައި 1200 ދިގު، 30 ފޫޓު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި، ޓެކްސީވޭއާއި އޭޕްރެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކާ 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު