އަހުމަދު މަސްނޫމް   28 އޯގަސްޓު 2022 - 11:59
ތިލަމާލެ ބްރިޖް މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމް ފަރަށް އެރި ސާފުކުރުމުގެ މަސައްކަތް މޫސުން ތަންދޭނަމަ މިއަދު ނިންމާލެވޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފި އެެވެ.

ގްރޭޓަރމާލޭ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި މިޕްލެޓްފޯމް ފާރުމަތިން ނަގާފައިވަނީ އިއްޔެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ހައުސިންގ މިނިސްޓްރީން ބުނީ ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ޕްލެޓްފޯމްގެ މައިގަނޑު ނެގުމާއެކު ފަށާފައިވާކަމަށެވެ. އަދި މިއަދު މޫސުން ތަންދޭނަމަ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.

ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު ސާފުކުރެވުމާއެކު ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް އީޕީއޭއިން ސަރވޭ ފަށާނެކަމަށް އީޕީއޭއިން ބުނެއެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ ބްރިޖް ޕްލެޓްފޯމްގެ ނަގިލި ތިރިކުރުމުގެ ތެރޭގައެވެ.

ބްރިޖް ޕްލެޓްފޯމް ފަރަށް އެރިނަމަވެސް ބްރިޖްގެ މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދާނެ ކަމަށް ބްރިޖްގެ މަސައްކަތް ކުރަމުންދާ އެޕްކޮންސްއިން މީގެކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު