އަހުމަދު މަސްނޫމް   28 އޯގަސްޓު 2022 - 11:46
އެމްޓީސީސީން މިދިޔަ 3 އަހަރު ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު މިހާރުވެސް 110 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ސަރުކާރުން ހަވާލުކޮށްގެން އެމްޓީސީސީން ކުރިއަށްގެންދިޔަ ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އެމްޓީސީސީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު އެމްޓީސީސީން 93 މަޝްރޫއު ނިންމާފައިވާކަމަށެވެ. އަދި މިހާރުވެސް 110 މަޝްރޫއުގެ އަމަލީ މަސައްކަތް ރާއްޖޭގެ އެކި ހިސާބުގައި ހިންގަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ސްޕީޑު ފެރީ ނެޓްވޯކް މަޝްރޫއު ކަމަށެވެ. އާޒިމް ވިދާޅުވީ އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއުވެސް ޕްލޭނިން މިނިސްޓްރީ އާއި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކާމިޔާބުކަމާއެކު ނިންމާނެކަމަށެވެ.

މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި އެ ރަށުގައި އިއްޔެ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ސަރުކާރަކީ ވައުދުވެ ވައުދު ފުއްދުމުގައި މާޒީގައި ފެނުނު ސަރުކާރުތަކާ ނުބައްދަލު މާ ކާމިޔާބު ސަރުކާރެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރަކީ ހަމައެކަނި ބިންގާތަކެއް އަޅާދީފައި އެ ބިންގާ އެޅިތަނުގައި ވިނަފަޅާ ބޯ ޖަންގައްޔަކަށް އެތަން ވެގެންދާއިރު ވެސް ބިންގާ ބާވެފައި އޮންނާނެ ސަރުކާރެއް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ ހަމައެކަނި ދިއްގަރަށް ބަލާލުމުން ވެސް ފެންނަން އޮތީ ވޭތުވެދިޔަ 40 އަހަރުތެރޭ ނުވެ ހުރި ކަންކަން މި ސަރުކާރުންކޮށްދީ ނިންމަމުންދާ މަންޒަރު ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް ވަނީ އެމްޓީސީސީގެ މަސައްކަތްތައް ފާހަގަކޮށްފައެވެ.

އެމްޓީސީސީން ރާއްޖެގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ ކުންފުނިން ވަނީ މަސައްކަތްތައް ފުޅާކޮށް، މަސައްކަތުގެ ސްޕީޑް ވެސް އަވަސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު