ސަރުކާރަށް އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުން ފާހަގަ ކުރުމަށް ދިއްގަރުގެ އުތުރުފަރާތުގެ ހިއްކި ބިމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދިއްގަރުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ، ޚިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުންވީ ވަޢުދުތައް ފުއްދަމުން ގެންދާ ކަމަށާއި، ސަރުކާރުން ވަޢުދުތައް ވެފަައިވަނީ އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން ކަމަށެެވެ. އަދި ސަރުކާރު އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށް ދާން ތައްޔާރަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކޮށް، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދީ، އެ ރަށެއްގެ އިޤްތިޞާދު ކުރިއަރުވައި ފުދުންތެރި ކުރުން ކަމަށެވެ. ރައްޔިތުން ކުރިއަށް އޮތްތާގައި ނިންމުންތައް ނިއްމާއިރު ޕްލޭންތަކާއި އެއްގޮތަށް ކަންތައްތައް ކުރަނީ ކޮންބަޔެއްތޯ ބެލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެެވެ.

"ކުރިއަށް މިއޮތް ތަނުގައި ތިޔަބޭފުޅުން ކަންތައްތައް ނިންމަވާއިރުގައި، ވަރަށް ފުންކޮށް ވިސްނަވަންވާނެ. ޖެހިގެން އޮންނަ އަހަރަކީ އަނެއްކާވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް. ތަފާތު ވިސްނުމާއި ފިކުރު ތިޔަބޭފުޅުންގެ ކުރިމައްޗަށް އަންނާނެ. ޕްލޭންތައް ހުންނާނެ. ކުރެހުންތައް ގެންނަވާނެ. އެހެން ނަމަވެސް، ވިސްނަވަންވީ އެއާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ކަންތައްތައް ކުރަނީ ކޮންބައެއްތޯ. ތިޔަބޭފުޅުން ކަންތައްތައް ނިންމަވާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އަނެއްކާވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމައިގެން ކުރިއަށްދާން." ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު