މ. މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެން މަޑުއްވަރީ ބަނދަރު ސަރަޙައްދުގައި އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި، ކައުންސިލުންވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، ބަނދަރުގެ ކޮންސެޕްޓް ފައިނަލްވީހާ އަވަހަކަށް އަމަލީ މަސައްކަތްފެށިގެންދާނެ ކަމަށެވެ. އަދި ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ. ރައީސް ވިދާޅުވީ، ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތީންކަމުގެ ޔަޤީންކަން ރައީސް ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފައެވެ.

މަޑުއްވަރީގެ ޞިއްޙީ ޚިދުމަތާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ޚިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ކުރިޔަށް ދާނެކަމުގައި ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު