ޕެންޝަން ފަންޑުން ގޯތި ގަނެ، އެހެން ގްރޫޕްތައް މެދުވެރިކޮށް ހައްޖަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ވާނެކަމަށް އެމްއެންޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިސާއިން ހައްޖަށްދާން ބޭނުންވާ މީހާއަށް ހައްޖަށް ދެވޭނެ މިހާރު އޮތް ހަމަ އެކަނި ގޮތަކީ ސަރުކާރުގެ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށްކަމަށެވެ. ނަމަވެސް އެތަނުގެ ކިޔޫ ދިގުކަމުން ފުރުސަތެއް ނުލިބި މަޑުކުރަންޖެހޭކަމަށާއި، އެހެންކަމުން ޕެންޝަން ފައިސާއިން އެހެން ހައްޖު ގުރޫޕްތައް މެދުވެރިކޮށް ހައްޖަށް ދެވެންވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ‏މިހާރު ހަމަޖެހިފައިވާ އުސޫލުން، ޕެންޝަން ފައިސާއިން ބޯހިޔާވަހިކަމަށް ފައިސާ ދޫކުރެވެނީ ހަމައެކަނި ގުރޭޓާ މާލެ ސަރަހައްދުން ފުލެޓް ގަތުމަށްކަމަށެވެ. ނަމަވެސް އަތޮޅުތަކުގައި ދިރިއުޅެން ބޭނުންވާ މީހާއަށް އޭނާގެ ގެދޮރު އިމާރާތްކޮށް އާއިލާއަށް ބޯހިޔާވަހިކަން އިތުރުކުރުމަށް ފަންޑުން ފައިސާ ދޫކުރެވެންވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ޕެންޝަން ފަންޑުން ހައްޖަށް ދެވުނަސް، ހައްޖަށް ދެވޭނީ ސަރުކާރުގެ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ގިނަ ބަޔަކު ކިޔޫގައި ތިބޭތީ ކުރިއަށް އޮތް 3 ނުވަތަ 4 އަހަރަށް ލިސްޓުތައް އޮތީ ފުރިފައެވެ. މިއީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު