ސަރުކާރުން ހުޅުވާލާފައިވާ މަތީ ތައުލީމާއި ފަންނީ ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތަކުން މައްޗަށް އަރަން އަޒުމް ކަނޑައެޅުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފިއެެވެ.

މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ މިދިޔަ އަހަރުގެ އޯ ލެވެލް އަދި އޭ ލެވެލްގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ވިލުންވެރިކަމާއި މުރާލިކަމާއި ކަމެއް ކުރުމުގެ ޝައުގު އަމިއްލައަށް އުފައްދާ، އެކަމެއް ކާމިޔާބުގެ އައްސޭރިއާ ހަމައަށް ގެނައުމުގައި ދެމިތިބުން އެއީ ދަރިވަރުން ހޯދި ރަނގަޅު ނަތީޖާގެ އިތުރުން ކުދިންގެ ގައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކެެއް ކަމަށެވެ.

މަތީ ތައުލީމާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ވަރަށް ބޮޑަށް ހުޅުވާލާފައިވާކަން ފާހަަގަކުރަށްވައި އެ ފުރުސަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތަކުން މައްޗަށް އަރަން އަޒުމް ކަނޑައެޅުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެެެވެ.

މީގެ އިތުރުން ތައުލީމީ ހަޔާތް ނިންމާލުމަށް ފަހު ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ އާއި ކުރިއަށް އޮތް ތަނުގައި ކޮންމެ ދުވަހަކު ދިރިއުޅުން ކުރިއަށް ގެންދަން ބޭނުން ވަނީ ކޮން ކަހަލަ މީހެއްގެ ގޮތުގައިތޯ ދަރިވަރުންގެ ކިބައިން އޮޅުންފިލުވަން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލު ދައުރު ނިންމުމަށް ފަހު ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ ދަރިވަރުންނަށް ގިނަ ސުވާލުތަކެއް އަމާޒުކުރަށްވާފައެވެެ. މިއީ މަތީ ސާނަވީ ނިންމާ އިރު ކޮންމެ ދަރިވަރަކަށް ވެސް މުހިއްމު ސުވާލުތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. އެފަދަ ވަގުތުތަކުގައި ދަރިވަރުން އަމަލުކުރާ ގޮތުން އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު