ލ. ފޮނަދޫ ކައުންސިލުގެ މެމްބަރުން މަގާމްގެ ނުފޫޒު ނާޖާއީޒު ގޮތުގައި ބޭނުންކޮށް، މަގު ކޮނުމުގެ ހުއްދަ ފަންބޮނޑި މޯލްޑިވްސްއަށް ނުދީ ހިފަހައްޓާފައިވާ މައްސަލައެއްގެ ތަހްގީގު އެންޓި ކޮރަޕްޝަން ކޮމިޝަން  (އޭސީސީ) އިން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަންބޮނޑީގެ ފަރާތުން އެޑަވަރކަސީ ޗެމްބަރސްއިން އޭސީސީއަށް ހުށަހެޅި މިމައްސަލަ ބަލައިގެން މިހާރު ވަނީ އެމައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށް ފޮނަދޫ ކައުންސިލް އިދާރާއަށް އަންގާފަ އެވެ.

ފޮނަދޫގައި އޯޕަން އެކްސެސް ފައިބަރ ނެޓްވޯކެއް ގާއިމް ކުރުމަށް އަމިއްލަ ކުންފުންޏަކުން ހުށަހެޅުމުން އެކުންފުންޏަށް ފޮނަދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިހާރު ތިން ފަރާތަކަށް ހުއްދަ ދެވި، އަމަލީ ގޮތުން އެފަރާތްތަކުން ހިދުމަތް ފޯރުކޮށްދެމުން ގެންދާތީ އިތުރު ފަރާތަކަށް މިވަގުތު އެ ހުއްދަ ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. ސިޓީގައި މިގޮތަށް ބުނެފައިވާއިރު، ކަރަޕްޝަން މަނާ ކުރާ ގާނޫނުގައި ބުނެފައިވާ ނާޖާއީޒު ފައިދާއެއް ހޯދައިދިނުމަކީ ވެސް ކުށެކެވެ.

ފޮނަދޫ ކައުންސިލުން ފޮނުވި ސިޓީގައި ހުއްދަ ނުދޭނެ ކަމަށް ބުނެފައި ވާއިރު، މިމައްސަލާގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވެސް ވަނީ އެހެން ފަރާތްތަކެކޭ އެއް ހަމައަކުން އެކުންފުންޏަށް ހުއްދަ ދިނުމަށް ފޮނަދޫ ކައުންސިލަށް އަންގާފަ އެވެ. އަދި ލާމު އަތޮޅު ކައުންސިލުން ވެސް  ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން މިގޮތަށް އަންގާފައި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށެވެ.

ދިވެހި ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި، ސަރުކާރުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއް ނުވަތަ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ ބޭނުން ކޮށްގެން ނާޖާއީޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ޖަލައްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު