އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލު ނުހިންގަން ފުލުހުން މިރޭ އިލްތިމާސްކޮށްފިއެވެ.

ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ ފިރިހެން ޓީޗަރަކަށް ހުޅުމާލޭގައި ރޭ ބަޔަކު މީހުން ވަނީ އަނިޔާކޮށް އޭނާ ބަރަހަނާކޮށް ހަވަރަށްދީ ހަދާފައެެެވެ. ފުލުހުން ވަނީ އެ މައްސަލާގައި ތުހުމަތު ކުރެޗޭ ޓީޗަރު ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ ވެބްސައިޓްގައި މިރޭ ބުނެފައިވަނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖެގެ ގާނޫނޫތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތުގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

"މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު