ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރައީސް ސޯލިހް ގެނެސްދެއްވަން ވައުދުވަޑައިގެންނެވި ވަރަށް ވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ ނ. ވެލިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުންނެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ މަސައްކަތް ކޮށްކޮށް ވަރުބަލި ވެސް ވެއްޖެ ކަމަށާއި ނަމަވެސް ރައީސް ސޯލިހް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވައުދުވަޑައިގެންނެވި ވަރަށް ވުރެ މާ އިތުރަށް ވެސް ޕްރޮޖެކްޓުތައް ކުރިއަށް ދާނެ ކަމަށެވެ.



މިދިޔަ ހޯމަ ދުވަހުގެ ރޭ ނިމުނު ކޮންގްރެސްގައި މިނިސްޓަރު މަހުލޫފް ވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން މިހާތަނަށް ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރަށްވައި އެކަމުގެ ތަފްސީލް ދެއްވާފައެވެ.

ޔޫތް މިނިސްޓަރު މަހުލޫފް ވިދާޅުވީ 60 އައުޓް ޑޯ ޖިމެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާ ކަމަށެެވެ. އަދި 28 އައުޓް ޑޯ ޖިމެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްތަކުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ރައީސް ސޯލިހް އަންގަވާފައިވާތީ 130 ރަށުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު މިހާރު ރަށްރަށަށް ފޮނުވާފައި ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިދިޔަ ހަތަރު އަހަރު ދުވަހަކީ މީގެ ކުރިން ދުވަހަކުވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާއަށް ބަލާއިރު އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް ކޮށްފައި އޮތް އަހަރުތަކެއް ކަަަމަށް މަހުލޫފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު