އަހުމަދު މަސްނޫމް   24 އޯގަސްޓު 2022 - 16:49
ދައުލަތުން ލޯނު ނެގުމުގައި ނުވަތަ ދައުލަތް ޒިންމާވާ ގޮތަށް ގެރެންޓީ ދޫކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ދަރަންޏަށް ފައިސާއެއް ނަގަންވާނީ ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭންވާނީ އެ ދަރަނި ނެގުމުގެ ސަބަބުން ނުވަތަ ގެރެންޓީއެއް ދިނުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށް ފަހުކަމަށެވެ. އަދި އެކަމަށްޓަކައި ފިނޭންސް މިނިސްޓަރު ތައްޔާރުކުރައްވާ ދިރާސީ ރިޕޯޓް ރައީސަށް ހުށަހަޅުއްވައި އެ ހުށަހެޅުން ރައީސް މަޖިލީހަށް ހުށަހަޅުއްވައި، އެ ހުށަހެޅުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރަންޖެހޭކަމަށްވެސް އިސްލާހުގައިވެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން، ދަރަންޏެއް ނެގުމުގެ ކުރިން ނުވަތަ ގެރެންޓީއެއް ދޫކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެއެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން ބިލު ބަލައިނުގަނެ ބޭރުކޮށްލުމަށް 41 މެމްބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ވޯޓްދެއްވީ 5 މެމްބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު