އެމްޑީޕީ ސަރުކާރު ހަވާލުވިއިރު ކޯސްޓްގާޑުގެ ބޮޑެތި ހުރިހާ އުޅަނދުތަކެއް ހުރީ ގުރައުންޑްވެފައި ކަމަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙުގެ ސަރުކާރު އެމްއެންޑީއެފްގެ ތަރައްގީއަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރަށްވައި ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީ ސަރުކާރާ ހަވާލުވިއިރު ކޯސްޓްގާޑުގެ ބޮޑެތި ހުރިހާ އުޅަނދުތަކެއް ހުރީ ގުރައުންޑްވެފައި ކަމަށެވެ. ކޮވިޑުގެ ދަތި އުދަނގޫ ހާލަތާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއެކު ވެސް ކޯސްޓްގާޑުގެ އެންމެ އުޅަނދެއް ފިޔަވައި ހުރިހާ އުޅަނދެއް މިހާރުހުރީ ބޭނުންކުރެވޭ ހާލަތުގައި ކަަމަށް މާރިޔާ ވިދާޅުވިއެވެ.

"ކޮވިޑުގެ ބަލިމަޑުކަމާއި އަޅުގަނޑުމެން ކުރިމަތިލާންޖެހުނު، އިގްތިސާދު ފަނާވެ ދިޔަ ރާއްޖެ އެއްނޫން މުޅި ދުނިޔެ އޮތީ އެ ހާލަތެއްގައި. އެހެންވިޔަސް އެބޭފުޅުންގެ އެ އޮތް ތިޔާގި ޒަމާނުގައި އެބޭފުޅުން ދިފާއު އަށް އަޅާނުލައްވާ ހުރިވަރު ރަމްޒު ކޮށްދެނީ އަޅުގަނޑުމެން ހަވާލުވިއިރު ބޮޑެތި އުޅަނދުތައް ގުރައުންޑްވެފައި އޮތްކަން." ކުރީގެ ރައީސް ޔާމިންގެ ސަރުކާރަށް ރާއްޖޭގެ ދިފާއީ ބާރަށް އިހުމާލުވެފައިވާކަމުގެ މިސާލު ދަައްކަވަމުން މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ތަރައްގީއަށް ރައީސް ސާލިޙު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހި ސިފައިންގެ ތާރިޚުގައި ވެސް ކޯސްޓްގާޑުގެ ޚިދުމަތަށް ނެރެވޭ އެންމެ ބޮޑު އުޅަނދު މުޅިން އަލަށް ބަނދެ އަންނަ އަހަރު ގެނެވޭނެ ކަމަށެވެ. އަދި ކޯސްޓްގާޑް ޝިޕް ހުރަވީގެ ހާލަތު ދަށްވަމުންދާތީ އޭގެ ބަދަލުގައި އެހެން އުޅަނދެއް ލިބޭނެ ގޮތް ރައީސް ސާލިޙު ހޯއްދަވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ކޯސްޓްގާޑްގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު އެދަނީ ތައްޔާރުވަމުން، މިއީ ސިފައިންގެ ތާރިޚުގައި ވެސް ދިފާއީ ދާއިރާއިން ކުރެވޭ އެންމެ އަގުބޮޑު އެންމެ ފުރިހަމަ އުމްރާނީ ތަރައްގީގެ މަސަައްކަތެއް،" މާރިޔާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު