ވިލިމާލެ ފަރަށް އަރާފައިވާ ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމް އެތަނުން ނަގާނެ ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަންގާރަ ދުވަހު ވަނީ ފަރަށް އަރާފައެވެ. ފަރަށް އެރި ޕްލެޓްފޯމް ފުންކުރެވިފައި ނުވާތީ އާއި އޭގެ ސަބަބުން ފަރަށް ގެއްލުންތައް ލިބޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ ފަރަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން މޫސުން ތަންދޭނަމަ ކުރިއަށް އޮތް ދެ ދުވަސްތެރޭ އެތަނުން އެ ޕްލެޓްފޯމް ނެގޭނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނިކޮށް އެކަމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ ޕްލެޓްފޯމް އެންކާ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ޕްލެޓްފޯމްގެ އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

އީޕީއޭއިން ބުނީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެެ.



ކިޔުންތެރިންގެ ހިޔާލު