ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ.

ޤާނޫނު އަސާސީއަށް ގާސިމް ހުށަހެޅުއްވި އިސްލާހަކީ ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކުކަމަށް ވަނީ ބަޔާންކޮށްފައެވެ.

ގާސިމްގެ އިސްލާހާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއްކަމަށެވެ. އަދި މަޖިލިސް އެކުލެވިގެންވާ ގޮތާއި މަޖިލިސްގެ ދައުރާ ބެހޭ ގޮތުންވެސް ވިސްނުން ވަރަށް ބޭނުންތެރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް އެ ހުށަހެޅުއްވި އިސްލާހަކީ މުހިއްމު އިސްލާހެއް. މަޖިލިސް އެކުލެވިގެންވާ ގޮތާއި އަދި މަޖިލިސްގެ ދައުރާ ބެހޭ ގޮތުންވެސް ވިސްނުން ވަރަށް ބޭނުންތެރި." ރައީސް ނަޝީދު ވިދާޅުވިއެވެ.

Jumhooree Party ge Leader Hon. @qasimibrahim e hushahelhuvvi islahakee muhimmu islaheh. Majlis ekulevigenvaa gothaa adhi Majlis ge dhauraa behey gothunves visnun varah beynuntheri

ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރެއްގެ ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.

ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ ދަތުރެއްގައިވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. މީގެއިތުރުން މިހާރު އޮތްގޮތަށް އޮވެ މަޖިލިސް ކުރިއަށް ދާނަމަ 2024 ގައި އޮންނަ މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އިތުރުވެގެން ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު