ލިވާތުގެ ކުށާއި ސިޙާޤުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހަޅުއްވައިފިއެވެ.

މިބިލު ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޖިނާއީ ބޮޑެތި ކުށް" ކަމުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި އިސްލާމް ދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާޙިޝް އަމަލެއްކަމުގައިވާ ލިވާތު އަދި ސިޙާޤުގެ ކުށް ހިމެނެން ޖެހޭނެކަމަށް ގަބޫލު ކުރެވޭތީކަމަށް ގާސިމް އިބްރާހީމް ބަޔާންކުރައްވާފައިވެއެވެ. އަދި މިފަދަ ކުށްތަކަކީ އާދައިގެ ކުށްތަކެއްކަމަށް ދެކި އެފަދަ އަމަލު ކުރާ ފަރާތްތައް ތަހުގީގީ މަރުހަލާއަށްފަހު ފަސޭހައިން މުޖުތަމައުތެރެއަށް ދޫވެފައިތިބޭނަމަ، ޝަރުޢީ މަރުހަލާތައް ނިމުމުގެ ކުރިން މިފަދަ ނުރައްކާތެރި ވަޙުޝީ އަމަލުތައް ތަކުރާރުވުމުގެ ފުރުސަތު އޮތުން އެކަށީގެންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގާސިމު ހުށަހަޅުއްވާފައިވާ މިބިލުގައި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާޙިޝް އަމަލު ތަކަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭނެ ކުށެއްކަމާމެދު ދެބަސްވެވޭމެ ޖާގައެއް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ފަހަކަށް އައިސް މިހުތުރު އަމަލު ހިންގައި، އެވާހަކަތަކާއި، އެމަންޒަރުތައް މީސްމީޑިއާގައި ފަތުރައި، މިފަދަ އަމަލުތައް ޕްރޮމޯޓް ކުރެވެމުންދާ ދަނޑިވަޅެއްގައި، މިއަމަލުތަކުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ބަންދުކުރެވުނު ފަރާތްތައް އާންމުންގެތެރެއަށް ދޫކޮށްލީ އެފަދަ ކުށަކީ ޖިނާއީ އިޖުރާޢާތުގެ ގާނޫނުގައި ބަޔާންކުރާ ބޮޑު ކުށަކަށް ނުވާތީ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން މިފަދަ އިސްލާހެއްގެ ބޭނުމަކީ މިފަދަ ނުރައްކާތެރި ފާޙިޝް އަމަލު ހިންގާ މީހުން މުޖުތަމައުން އެކަހެރިކޮށްފައި ބޭތިއްބުން އެއީ އެންމެ އައުލާކަން ބޮޑު ގޮތްކަމުގައި ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 22 ވަނަ މާއްދާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިފަދަ އިސްލާހެއް ހުށަހަޅުއްވާފައިވާއިރު، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އާލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި 3 މީހަކު ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. އެއީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި، ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި ފުލުސް އޮފިސަރެކެވެ. ނަމަވެސް މި އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.

ބަންގްލަދޭޝްގެ ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި  4 މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށް ހުށަހަޅާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ. ޕީޖީ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 18 އޮގަސްޓު 2022 ދުވަހުއެވެ. ނަމަވެސް ދައުވާކުރަން ހުށަހެޅި މީހުންގެ ތަފްސީލެއް ހާމައެއް ނުކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު