ވަކި ބޭފުޅަކަށް ތާއީދު ކުރެއްވުމުގެ ގޮތުން މިހާ އަވަހަށް ވާހަކަ ދެއްކެވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މިއަދު ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަންނަވަނީސް އެމަނިކުފާނަށް ތާއީދުކުރަން ނިންމުމަކީ ހިޔަންޏަށް މުޑި ނެގުންކަހަލަ ކަމެއްކަމަށެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާކަމަށެވެ. އަދި ވާދަކުރަނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ވަކިންތޯ ނިންމާނީ ޕާޓީގެ ކައުންސިލުންކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ސާލިހަށް ތާއީދުކުރެއްވުމާއި ގުޅޭގޮތުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެކަމާއި މެދު ވާހަކަ ދައްކާނީ ރައީސް ސާލިހު ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމުންކަމަށެވެ.

"ސާލިހު ރިޔާސީ ކެންޑިޑޭޓަކަށްވީމަ ނޫންތޯ އެވާހަކަ ދައްކާނީ..ޓިކެޓް ލިބޭނެކަމުގެ ޔަގީންކަން ލިބުނީމަ..ޔަގީންކަން އޮތަސް ޔަގީނެއް ނުވޭ ދެއްތޯ؟ އަޅުގަނޑުމެންވެސް ހިޔަންޏަަށް މުޑި ނަގާކަށް ނުވާނެދެއްތޯ؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވަކި ބޭފުޅަކަށް ތާއީދު ކުރެއްވުމުގެ ގޮތުން މިހާ އަވަހަށް ވާހަކަ ދެއްކުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށެވެ.

"އާނއެކޭ ބުނެފިއްޔާ ރައީސް މުހައްމަދު ނަޝީދަށް ނުވަތަ އެހެން ބޭފުޅަކަށް ލިބޭ އުނިކަމަކަށްވެސް ވެދާނެ. ނޫނީ އެއީ ރައީސް ސާލީހަށް ދެވޭ އިތުރު ތާއީދަކަށް ވެދާނެ. އައި ތިންކް އިޓްސް ނޮންސެންސް." ގާސިމް ވިދާޅުވިއެވެ.

ރައީސް ސާލިހު ނޫން އިތުރު ބަޔަކާއެކު ކުރިއަށް ވަޑައިގެންފާނެތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެކަންކަން ހިނގާނެ ގޮތް ވިދާޅުވާން އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އައި ޑޯންޓް ނޯ ޔެޓް. ޕާޓީގެ ކައުންސިލުން ނިންމަވާ ގޮތަކުން އެނގޭނީ." ގާސިމް ވިދާޅުވިއެވެ.

އިތުރު ބަޔަކާއެކު ކުރިއަށް ވަޑައިގަތުމުގެ ފުރުސަތު އޮތްތޯ ސުވާލު ދެންނެވުމުން ގާސިމް ވިދާޅުވީ އެ ފުރުސަތުވެސް އެބައޮތްކަމަށެވެ.

"އޮފް ކޯޒް. ނޯ ޑޯ އިޒް ކްލޯޒްޑް. އެވްރީ ޑޯ އިޒް އޯޕަން އިން ފްރީ. ހުރިހާ ދޮރެއް ވަނީ ހުޅުވިފައި" ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު 3 ޕާޓީގެ ތެރެއިން ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް އަދިވެސް އިއުލާނެއް ނުކުރެއެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ ގާސިމް އިބްރާހިމްއެވެ.



ކިޔުންތެރިންގެ ހިޔާލު