ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން މަސްވެރިކަމާއި ގުޅޭގޮތުންވި ވަރަށް ގިނަ ވައުދުތައް ފުއްދިއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. ހުސައިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑަައިގެން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ސަރުކާރުން މަސްވެރިކަމާއި ގުޅޭގޮތުންވެފައިވާ ވަރަށް ގިނަ ވައުދުތައް މިހާރު ފުދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ފުއްދުނު ވައުދުތަކުގެ ތަފްސީލެއް މިނިސްޓަރު ދެެއްވާފައެއް ނުވެއެވެ.

މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މަސްވެރިކަން ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ވައުދުތަކެއްވި ކަމަށެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫ ތަރައްގީ ކުރުމަށް އިންވެސްޓް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މ. އަތޮޅުގައި ވެސް މަސްވެރިކަމާއި ގުޅޭ އިންވެސްޓްމަންޓްތަކެއް ކުރުމަށްޓަކައި ސައޫދީ ފަންޑުގެ ދަށުން ތައްޔާރީތަށްވަމުން އެބަދަން،" ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ ފުނައްޑޫގައި މަސްގަތުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ފުނައްޑޫއަށް އާ އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޑރ.ހުސައިން ވިދާޅުވިއެވެ. ފުނައްޑޫގައި މަސް ގަތުމުގެ މަސައްކަތް ފެށޭނެ ސީދާ ތާރިޚެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމަށް ތައްޔާރުވުމަށް ފުނައްޑޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިނިސްޓަރ އޮފް ފައިނޭންސްއާއި ގުޅިގެން އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. އަޅުގަނޑު އުއްމީދު ކުރަނީ މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފުނައްޑޫގައި މަސްގަތުމުގެ މަސައްކަތް ފެށޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު