އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭ ކަމުގައިވާނާމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރެއްގެވެސް ވަކި ދުވަސްވަރެއްގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ބުނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ހިންގަނީ، އިލެކްޝަންގެ އިރުޝާދުގެ ބެއްލެވުމުގެ ދަށުން އަންހެނުންގެ ކޮމެޓީއަށް ނިސްބަތްވާ އަތޮޅު ކައުންސިލަކުން ކަމަށެވެ. އަދި އިންތިޚާބުތައް ބާއްވާނީ އަންހެނުންގެ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ ކޮންމެ އަހަރަކު އެއްފަހަރުކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާހުގެ އިތުރުން އަންހެނުންގެ ކޮމެޓީތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާށާއި، ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނޭ ގޮތަކަށްވެސް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި އަންހެނުންގެ ކޮމެޓީތަކުން ނިންމާ ނިންމުންތައް ކައުންސިލްތަކުން ތަންފީޒު ކުރުމާއި، އަންހެނުންގެ ކޮމެޓީތަކާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި ބައެއް މާއްދާތައްވެސް ވަނީ ހުށަހަޅާފައެވެ.

އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ކައިރިކަރީގައި ބާއްވަން ޖެހުމަކީ އިލެކްޝަން ކޮމިޝަނުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އެއީ ކައިރި ކައިރީގައި ގިނަ ބައި އިލެކްޝަންތަކެއް ބާއްވަން ޖެހުމާއި ކޮންމެ އިންތިހާބަކަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީއެވެ.



ކިޔުންތެރިންގެ ހިޔާލު