އަހުމަދު މަސްނޫމް   22 އޯގަސްޓު 2022 - 9:40
އަންްނަ ރިޔާސީ އިންތިހާބުގައި މަޑުމަޑުން ކުލަޖެހެން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ 2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަ ޖެހެން ފަށާފައިވާ ކަމަށާއި އެކި ޕާޓީތަކުން ވިއްކާނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

"އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީއަކުން ކޮން ކެންޑިޑޭޓަކު ހެއްޔެވެ؟" ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ކޮންގުރެސް އިއްޔެ ނިމިގެން ދިޔައިރު ޕާޓީގެ އެތެރޭގައި އޮތް ބައިބައި ވުމާއި އެކުވެސް ރިޔާސީ އިންތިހާބުގެ ވިސްނުން އެއްގޮތް ކުރެވުނު މަންޒަރު ފެނިގެން ގޮސްފައި ވާތީ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ވަނީ އަނބުރާ ގެންދަވާފައެެވެ.

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީގެ ޚިޔާލު އެއްގޮތްކޮށް މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީން ކަން ރައީސް ސާލިޙާއި ރަައީސް ނަޝީދު ވެސް އިއްޔެ ވަނީ ދެއްވާފައެވެ. އެ ދެބޭފުޅުން މީގެ ކުރިން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރަށްވާނެ ކަން އިއުލާންކޮށްފައެވެ.

ދާދިފަހުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ އަރުވާފަ އެވެ. ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައިވާއިރު އަދާލަތު ޕާޓީ އާއި އެމްއާރްއެމުން އިންތިޚާބުގައި ވާދަކުރުމާއި މެދު ނިންމި ގޮތެއްް އަދި ހާމަކޮށްފައެއްް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު