އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އާއެކު އެ ޕާޓީ ކުރިއަށް ވުރެ އެއްބައިވަންތަ ވެފައިވާ ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކޮންގްރެސްގެ ކާމިޔާބަށް މަރުހަބާ ވިދާޅުވެ ދެއްވި މެސެޖުގައެވެ. ރައީސް ސާލިޙު ވިދާޅުވީ ނިމިގެން ދިޔައީ ކާމިޔާބު ކޮންގްރެސް އެއް ކަމަށެވެ. އަދި މިއީ އެމްޑީޕީއަށްޓަކައި މަޝްވަރާ ކުރެވި ހިޔާލުތައް އެއްގޮތް ކުރެވުނު ކޮންގްރެސް އެއް ކަމަށްވެސް އެމަނިކުފާނު، ވިދާޅުވިއެވެ.



ރައީސް ސާލިޙު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު އެމްޑީޕީ އޮތީ ކުރިއަށް ވުރެ އެއްބައިވަންތަވެ، ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

މީގެއިތުރުން، އެމްޑީޕީގެ ކޮންގުރެސް ނިއްމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންވެސް ރައީސް ސޯލިހް ވަނީ، ކޮންގުރެސް އަށްފަހު ކުރިއަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށާއި، އެ މަސައްކަތަށް މުޅި ޕާޓީ އެއްބައިވަންތަކަމުގައި ނިކުންނަން ޖެހޭ ކަަމަށެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގުރެސް ފެށުނީ މިދިޔަ ހުކުރު ދުވަހުއެވެ. ކޮންގްރެސްގައި 1000 އަށް ވުރެ ގިނަ މަންދޫބުން ބަައިވެރިވެފައިވާއިރު، ކޮންގްރެސް ނިންމާލައިފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު